އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" (އޭ.އެމް.އާރު) އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރުން ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު(ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. "އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމީ މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްޙީ އެއް މައްސަލައެވެ. އަދި ދުނިޔެއަށް ސިއްޙީގޮތުންނާއި އިގްތިސާދީގޮތުން ލިބިފައިވާ ގިނަކުރިއެރުންތަކަށް ބޮޑުގޮންޖެހުމަކަށް މިކަން ވެދާނެކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާވަނީ އިންޒާރު ދީފައެވެ. އަދި މިމައްސަލަ ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުންމެ މަސައްކަތް ކުރަން ޖެހެއެވެ. މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ ފެންވަރުގައި އަދި އާންމު ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭ ކަންތައްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް