60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކެއް 3 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދަނީ

ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް 3 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ވިދާޅުވީ މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށާއި މިގޮތުން މިހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އޮންނާނީ ޖުލައި 26 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުކަމަށެވެ.

އެއަށްފަހު އެދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތައް ކުރިއަށް ގެންދާގޮތަށް ވަނީ ކަނޑައަޅުއްވާފައެވެ.

ޖުލައިމަހުގެ 26 ވަނަ ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑު އަދި ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓްމާޗު ކުރިއަށްގެންދާއިރު މިހަރަކާތް ހުޅުމާލޭގެ ބޮޑެތިމަގުތަކުގައި ޖުލައި 27 ވަނަ ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިނިވަންދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ  ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ އޮންނާނެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ޖުމްހޫރީ މައިދާން ޢާންމުންނަށް ވަނީ ބަންދުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް