ތ. ވޭމަންޑޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ތ. ވޭމަންޑޫގައި އައިޑީކާޑް ދޫކުރަން ފަށައިފިކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރ) ހާމަކޮށްފިއެވެ. އައިޑީ ކާޑުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށާއި މިއާއެކު ކާޑު ހައްދަން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ކާޑު ލިބި، އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވާއިރު، އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޑީއެންއާރުން ވިދާޅުވީ މިހާރު 27 ރަށެއްގައި މި ހިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މިޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް