ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރާތީ ސަމާލުވުމަށް އެދެފި

ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދިވަޑައިގެންފިއެވެ.

މިކަން ހާމަކޮށް އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ މި ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާކަމަށާއި، ނަމަވެސް ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ތޫ ފެކްޓަރ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.

ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅުއްވާ އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ފޮޓޯތަކެއް ހުރި ކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަވެފައެވެ.

ފިޝިންގ ލިންކުން ވަނީ ކިހިނެއް؟

މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކުއެވެ. މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނެއެވެ.

އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ފިޝިންގގ ލިންކު ފޮނުވަމުންދެއެވެ.

ސްކޭމްގައި ޖެހި ޓެލެގްރާމް އެކައުންޓު ގެއްލިއްޖެނަމަ ހަދާނީ ކިހިނެއް؟

ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ފިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯކޮށްލާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރާށެވެ.

ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:

ޓެލެގްރާމް ސެޓިންގ

ޕްރައިވަސީ އެންޑް ސެކިއުރިޓީ

ޓޫ-ސްޓެޕް ވެރިފިކޭޝަން

ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން

ރިކަވަރީ އީމެއިލް އެޑްކުރުން

ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށްޓަކައި، ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދޭށެވެ. އެއީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެކެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުފިތުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް