ހުށަހަޅާފައިވާ ޓްރޭޑްމާރކް ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދަން މުހިންމު ބިލެއް: ވަޒީރު
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓްރޭޑްމާރކް ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދަން މުހިންމު ބިލެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، މި މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ޓްރޭޑްމާރކްގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވާއރު، މި ބިލަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާރކާ ގުޅިގެން އެ ޓްރޭޑްމާރކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާންކުރުމާއި ޓްރޭޑްމާރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ވަޒީރު ވިދާޅުވީ މިއީ ނުގެނެވި ލަސްވެފައިވާ ބިލެއް ކަމަށާއި މިއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް، އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު ބިލެއްކަމަށެވެ. އަދި މި ބިލު ފާސްވެ ޤާނޫނު ވުޖޫދުވުމާއެކު ރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދޭނެ ކަމަށާއި މިއީ، ފިކުރީމުދަލުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތު ހާމަކޮށްދޭ ބިލެއް ކަމަށާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިންމު ބިލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު، ޓްރޭޑްމަރކްގެ ބިލަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގައި މުހިންމު ފިޔަވަޅެއް ކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް