ޖޭއެސްސީގެ އާންމު މެންބަރުކަމަށް އިދުރީސް އައްޔަނުކުރަން ފާސްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އާންމުންގެ ފަރާތުން ކޮމިޝަނުގައި އިންނަވާ މެންބަރުގެ މަޤާމަށް ފަހިވާގެ، ލ.ކަލައިދޫ، އިދުރީސް ފައުޒީ ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާގައި މިކަމަށްޓަކައި ނެގި ވޯޓުގައި ޖޭއެސްސީގެ މެންބަރު ކަމަށް އިދުރީސް ފައުޒީ ޢައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު އަށް ފަރާތަކުން ވަނީ ކުރިމަތިލައްވައިފައެވެ. އެއީ:

1- އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ، ގދ.ވާދޫ

2- އަލްއުސްތާޛު އަލީ އިބްރާހީމް، ހުޅުމާލޭ ފުލެޓު ނަންބަރު 108-ޖީ-1

3- އަލްފާޟިލް އަލީ އާމިރު، މއ.ޕެންޒީވިލާ

4- އަލްފާޟިލް އިދުރީސް ފައުޒީ، ފަހިވާގެ، ލ.ކަލައިދޫ

5- އަލްއުސްތާޛު އަޙްމަދު ޝާފިޢު، އުދަރެސް، ހއ.އިހަވަންދޫ

6- ޑރ.ހުސައިން ފާއިޒު، ދަފްތަރު ނަންބަރު: 1325

7- އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ، ދ.ކުރިނބީ

8- އަލްފާޟިލް އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު: ރސ1851

މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވާއިރު، އެންމެ މަތިން މާކުސް ލިބިވަޑައިގެންނެވީ އިދުރީސް ފައުޒީއަށެވެ. މިގޮތުން އޭނާއަށް 81 އިންސައްތަ މާކުސް ލިބިވަޑައިގެންނެވިއެވެ.

ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގައި ހިމެނޭ ޢާއްމުންގެ ތެރެއިން ހޮވޭ މެންބަރަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހެކެވެ.

މިވަގުތު އެ ކޮމިޝަންގައި އާންމުން ތަމްސީލް ކުރައްވާ މެންބަރަކީ ޑރ. އައިމިނަތު އުއްމުކުލްޘޫމެވެ. އެ މަޤާމަށް މެންބަރަކު އައްޔަން ކުރަން ހުޅުވާލީ ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް