ރުއްގަހަށް ދިމާވާ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ ކޮކަނަޓް ހިސްޕައިން ބީޓަލް ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާތީޖީ ފިޔަވަޅެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި އެއްބަސްވުން މައިގަނޑުގޮތެއްގައި ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ "އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން" އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުންކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން 2 އަހަރުދުވަހަށް ދެމިގެންދާ މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ ވިޔަފާރީގައިވެސް މުހިންމު ބާވަތެއްކަމަށްވާ ދިވެހި ރުކަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުންކަމަށާއި އަދި މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް