އުންމީދަކީ އަންނަ މަހުން ފެށިގެން، ފަންނުވެރިނަށް ދޭން ނިންމާފައިވާ މާލީ އެހީތެރިކަން ދިނުން: ވަޒީރު

މި ފެށޭ އޮގަސްޓު މަހުން ފެށިގެން ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެން ފެށޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު އެކުލަވާލާފައިވާނެކަމަށާއި އަދި މި އުސޫލުތައް ހެދުމުގައި ފަންނުވެރިންގެ ލަފަޔާއި އެ ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އެކަމުގެ ޤަވާއިދުތައް އެކުލަވާލަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އުއްމީދަކީ އަންނަ މަހު ފަންނުވެރިނަށް ދޭން ނިންމާފައިވާ މާލީ އެހީތެރިކަން ދޭން ފެށުންކަމަށާއި މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަންނުވެރިންނަށް ޚާއްސަކޮށްގެން ހަދާ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި ބީސީސީއާއި ހަވާލުކޮށްގެން މި މަސައްކަތް ކުރަމުންދާއިރު މި އަހަރު މިތަން ހުޅުވާ ފަންނުވެރިންނަށް މިތަން ބޭނުން ކުރުމުގެ ފުރުޞަތުދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އެހީ ދޭން މިނިސްޓްރީން ނިންމާފައި ވަނީ ޕޯޓަލެއް މެދުވެރިކޮށް. ޕޯޓަލް ހެދުމަށް ވަގުތުކޮޅެއް ނަގާނެ. އޭގަ ހުންނަ ބަގްސް އަޅުގަނޑުމެން ފިލުވަން ޖެހޭނެ. ޓެސްޓު ކުރަން ޖެހޭނެ. އެހެންނޫނީ އޮން ޓައިމްގައި އެހީ ފޯރުކޮށްދެވޭނެ. އަޅުގަނޑު ޔަޤީންކަން މިދެނީ އާޓިސްޓުންނަށް މި ދަންނަވާ އެހީތެރިކަން ފޯރުކޮށްދޭނަން." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް