ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލައި އެ ފަރާތްތަކަށް ފަސޭހައިން ބޭސް ފޯރިކޮށްދިނުމަށް ވަނީ ނިންމާފައި: ވަޒީރު

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަން ނިންމައި އެކަމަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރޭ ކުރިއަށްދިޔަ އަހާ ފޯރަމްގައި، ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޞިއްހީ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމަށާއި އެގޮތުން، މިކަން ހައްލުކުރުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައި އެ މީހުންނަށް ބޭސް ފޯރުކޮށްދިނުމަށް ވަކި ޚާއްސަ މަރުކަޒެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބައެއް ބޭހަކީ ޕްރިސްކްރިޕްޝަނަށް ނޫނީ ނުގެނެވޭ ބޭސްތައް. ދުރު ރާސްތާ ސިޔާސަތެއްގެ ގޮތުން މިހާރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެއް ބެލެހެއްޓުން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މިވަގުތު ހައްލެއް ގެނައުމަށް މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބޭސް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން އެ މީހަކު ޚިދުމަތް ހޯދައި ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދޭ ގޮތަށް، ނިޒާމު ބައްޓަންކޮށްފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް