ެފެށޭ ހަފްތާގައި 4000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ: ވަޒީރު

މި ފެށޭ ހަފްތާގައި، ގެދޮރުވެރިޔާ ސްކީމްގެ ހަތަރު ހާސް ފްލެޓް ލިބޭ ފަރާތް ތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށާއި ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާކަމަށެވެ.

އަދި މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށާއި މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްގެންދިއުމުގެ އިންތިޒާމުތަކަކީވެސް އެވުޒާރާގެ އޮފީހުގައި ކުރިއަށްގެންދަން ފަސޭހަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭއިރު، މި ހުރިހާ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދާކަމަށާއި، ސަރުކާރުން ވަޢުދުވެފަވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

"މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ. ސަރުކާރުން މިހާރު ރިވިއުކުރަމުންދަނީ، އެ ލިސްޓަށް ލިބިނު ޝަކުވާތަކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް