އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރާތީ އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލެއް ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލްގެ އެއްގަމަށް އޮންނަ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިކަން ހާމަކޮށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނި ގޮތުގައި ވަގުތީ ބަދަލާއެކު ޓެކްސީތައް ކިއުގައި މަޑުކުރަން ޖެހޭނީ އެއާޕޯޓްގައި ސައިކަލުތައް ޕާކުކުރާ ސަރަހައްދާއި ބަނދަރާއި ދެމެދުގައި އޮންނަ މަގުގަ އެވެ.

މި ބަދަލާއެކު އެއާޕޯޓަށް ވަންނަން މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގެވެ. ޓެކްސީ ކިޔު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށެވެ. މި ބަދަލުތަކާއެކު ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ. މި ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއޭސީއެލް އިން ވިދާޅުވީ ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުން ކަމަށެވެ.

ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން މިހާރު ދަނީ ވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް