ވީއައިއޭގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ހުޅުލޭ އައިލެންޑް ހޮޓަލުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެކްސްކޯގެ މެންބަރުންގެ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ) އާއި އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން އާއި ޕްލާންޓް އެންޑް އެނިމަލް ކުރެންޓީން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ޕޯޓް ހެލްތް, މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އެއާލައިން ކޮމިޓީ ޗެއާ އާއި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އާއި އެމްއޭސީއެލް ޑިޕާޓްމަންޓްތަކާއި އޮރާޓްގެ އެމް.އޭ.ސީ.އެލްގެ ކޮންސަލްޓަންޓް މޮޑާލިސް އިން ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު, މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގެ ޖާގައިގެ ދަތިކަމާއެކު އެތަނުގެ ތެރޭގައި ތޮއްޖެހުމާއި ކުރެވޭ ތަޖުރިބާ މަދުވުން ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއް ކަމަށާއި، އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ސީއީއޯ ޝަރީފުގެ ވާހަކަފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ސްޓޭކްހޯލްޑަރުންގެ ފަރާތުން ލިބިވަޑައިގަންނަވާ އާދަޔާ ހިލާފު އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް