އުނގެނުމަށްޓަކައި ކުރެވޭ ހޭދައާއި ވަގުތަކީ އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް: ވަޒީރު އާދަމް ޝަރީފް

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދަސްވެނީން ހޯދި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކެއް، އަދި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތަކީ ދަސްވެނީން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށެވެ.

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. މިހިސާބުން މަސައްކަތް ހުއްޓަވާ ނުލައްވާ އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް މިނިސްޓަރ ދަސްވެނިންނަށް އިލްތިމާސް ކުރެއްވިއެވެ.

ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤަބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް