ހުޅުމާލޭގައި އަލިފާނުގެ ހާދިސާ ހިނގި ހިސާބުގައި ހަރަކާތްތެރިވާއިރު ސަމާލުވުމަށް ފުލުހުން އެދެފި

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އަދި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އެންސިސްގެ ފެކްޓަރީއެއްގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ، ފޭސް 1، އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައިކަމަށާއި، އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރާކަމަށެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ވަޑައިގަންނަވާ ބޭފުޅުން މަގު ބޭނުންކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވައި އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުއްވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި މިގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް