ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހައި ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމަށް ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި، މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 45،700 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:

  • އުމުރުން 25 އަހަރު ފުރިފައިވުން
  • އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ހައި ކޯޓަށް ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައި މިވަނީ، އެ ކޯޓުން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަނު ކުރުމުންނެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިދިޔަ މާރިޗް މަހު އެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އެ މަގާމުން ވަކި ކުރުމުން ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށް އައްޔަނު ކުރެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް