މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސައުދީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވުނީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

އެ ޒިޔާރަތުގައި ވަޒީރު ވަނީ ސައޫދީ އިން ރާއްޖޭގެ މަސްވެރިކަން ހަރުދަނާކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

 

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ.

މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާ، ޚާއްސަކޮށް މ.މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔަމް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންއަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް