ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފުލުއެންޒާ އެންމެ ގިނައީ މާލެ ސަރަޙައްދުން: އެޗްޕީއޭ

ބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓްކުރެވިފައިވާ ގޮތާއި ގުޅިގެން މިއަދު އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މި ބަލިތައް ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަޙައްދުންނެވެ.

15 ޖޫން އިން 5 ޖުލައި 2025 ގެ ނިޔަލަށް ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން މުޅި ރާއްޖެއިން 3763 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން 2370 ކޭސް މާލެ ސަރަހައްދުން ރިޕޯޓްކުރެވިފައިވާކަމަށާއި، އަދި ހަމަ މި މުއްދަތުގައި އިންފުލުއެންޒާ ޖެހިގެން 239 ކޭސް މުޅިރާއްޖެއިން ރިޕޯޓްކުރެވިފައިވާއިރު، މާލެ ސަރަހައްދުން 228 ކޭސް ވަނީ ރިޕޯޓް ކުރެވިފައިކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އަރިދަފުސް ރޯގާ، އިންފްލުއެންޒާފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ. އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު 2 ވައިރަސްއަކުން ޖެހޭ ބައްޔެއްވެ. އެހެން ނަމަވެސް އާދައިގެ ރޯގާއަށްވުރެ އިންފުލުއެންޒާ ޖެހުމުން ބަލިބޮޑުވަރުވެއެވެ.

އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ އާއްމުކޮށް ފެންނަ އަލާމާތްތަކަކީ:

- ހުންއައުން

- ވަރުދެރަވުން

- ކެއްސުން/ ކިނބިހި އެޅުން

- ގައިގައި ރިއްސުން

- ނޭފަތުން ފެންއައުން/ ބެދުން

- ކަރުގައި ރިއްސުން

- ބޮލުގައި ރިއްސުން

- ބޭރަށް ހިންގުން، ހޮޑުލެވުން ( އާއްމުކޮށް ކުޑަކުދިން)

ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން،ތިރީގައިވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ،

- 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދިއުން.

- ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ވަރުބަލިވުން

- ގާތުން ކިރުދޭ ކުދިން ރަގަޅަށް ކިރު ނުބުއިން

އިންފުލުއެންޒާ ޖެހިއްޖެނަމަ 5 އަހަރުން ދަށުގެ ކުދިންނަށް، ޙާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ބަލިގެ ހާލަތު ސީރިއަސްވުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް:

- ގިނައިން މީހުން އެއްވާ ތަންތަނަށް، ދިފާއީ ނިޒާމު ބަލި ކަށި މީހުން ނުދިއުން.

- ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުން.

- ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުން.

- އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަގަޅަށް ނިވާވާނެހެން މާސްކުއެޅުން.

- ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި މެނުވީ ބަލި މީހުންނަށް ޒިޔާރަތް ނުކުރުން

- ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް