ލިޔުންތެރިކަމަކީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮވަރުކޮށްދޭ، ޤައުމީ ތަރިކައެއް: ވަޒީރު އާދަމް ޝަރީފް

ލިޔުންތެރިކަމަކީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮވަރުކޮށްދޭ، ޤައުމީ ތަރިކައެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެނޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި ލިޔުންތެރިންގެ ގަލަމަކީ ހަތިޔާރެއްކަމަށާއި، އެ ހަތިޔާރުގެ ބޭނުން ހިފަންވާނީ މުޅި ޤައުމުގެ ހެވާއި، ލާބައަށް ކަމަށް މިނިސްޓަރ ބަޔާންކުރައްވާފައި ވެއެވެ.

އަދި ހަމައެއާއެކު ދިވެހި ލިޔުންތެރިން ޤައުމަށް ޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެފައިވާކަމުގެ ޒިކުރާ އައުކޮށް، މިއަދުވެސް ލިޔުންތެރިން ކުރައްވަމުންގެންދަވައި ޚިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް އެ މަނިކުފާނުގެ ޕޯސްޓުގައި ހާމަކުރައްވާފައި ވެއެވެ.

އެކްސްގައި މިނިސްޓަރ ކުރައްވާފައިވާ ޕޯސްޓް ނިންމަވައިލައްވާފައި ވަނީ ލިޔުންތެރިންގެ އޮއްޓަރު ހަރުވާނީ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިވެގެން ކަމަށް ވިދާޅުވެ، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް އެންމެހައި ދިވެހި ލިޔުންތެރިންނަށް އަރިސް ކުރަމުންނެވެ.

ލިޔުންތެރިން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.

މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ނޫސް މަޖައްލާއެއް އުފައްދާ "އަލްއިޞްޅާޙު"ގެ ނަމުގައި އެންމެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށް ވާތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް