ވީއައިއޭ ހުޅުވާއިރު ހަވާ އަރުވަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރިކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަނީ ދޮގެއް: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އައު ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި ހަވާ އަރުވާ އަރުވަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރިކަން ހާމަވެއްޖެކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއްކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާން ވިދާޅުވީ، ރާއްޖެ ޓީވީން އެ ފަތުރަނީ ސީދާ ކަނޑައެޅިގެން ފިތުނަ އުފެއްދުމަށް ދޮގު ވާހަކަތަކެއް ކަމަށާއި، އެއާޕޯޓް ހުޅުވުމުގެ ކަންކަމުގެ އެއްވެސް ކަމެއްގައި ބަނާނާ ސްޕްލިޓް ކުންފުނިން އެއްވެސް ދައުރެއް އަދައެއް ނުކުރާނެކަމަށެވެ.

"އެ ކުންފުންޏާއި އެއްވެސް ޑީލެއް ނޯންނާނެ. ރައްޔިތުންނަށް ޔަޤީންކަން އަރުވަން އިޒްރޭލަށް ފަންޑުކުރާ އެއްވެސް ކުންފުންޏަކަށް އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ ކަން،" ލަމްޢާން ވިދާޅުވި އެވެ.

އެފަދަ ދޮގު ވާހަކަތައް ފެތުރުން ލަމްޢާން ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެކަން ކަމާބެހޭ އިދާރާތަކަށް ހުށައަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ކަމެއް ކުރަން އުޅޭކަން ރާއްޖެ ޓީވީއަށް އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ދިންކަމަށް ބުނެ އެ ނޫހުން އާއްމުކުރި އޯޑިއޯއެއްގައި ބުނެފައިވަނީ، ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަން ހަމަޖެހިފައިވަނީ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް 5 މިލިއަން ޑޮލަރު ދީގެންކަމަށް ބުނެފައިވެއެވެ.

އަދި ހަވާ އަރުވަން ޙަވާލުކޮށްފައިވަނީ "ބަނާނާ ސްޕްލިޓް" ކިޔާ ކުންފުންޏަކާ ކަމަށްވެސް އެ އޯޑިއޯގައި ބުނެފައިވެއެވެ. އެ ކުންފުންޏަކީ ލަންޑަނުގައި ޤާއިމްކޮށްފައި ހުންނަ ބައިނަލްއަޤްވާމީ ގޮތުން ހަރަކާތްތެރިވާ، ލަގްޒަރީ އިވެންޓުތައް ކުރިއަށްގެންދާ ކުންފުންޏެއްކަމަށް ރާއްޖެ ޓީވީން ބުނެފައިވެއެވެ.

“އެ ކުންފުންޏަކީ ފާޅުގަ އިޒްރާއީލަށް ތާއީދުކޮށް، އިޒްރާއީލަށް ތާއީދުކުރާކަން ވަކާލާތުކޮށްފައިވާ ކުންފުންޏެއް” އެ އޯޑިއޯގައި ބުނެފައިވެއެވެ.

މީގެ އިތުރުން "އަޑި ނޭގޭ ޑީލެއްގެ ދަށުން" ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައޭ ޓާމިނަލްގެ ދެ ފަންގިފިލާ ޖެޓެކްސްއަށް ދޭން ނިންމާފައިވާ ވާހަކަތައް ދެކެވިފައިވަނިކޮށް ޖެޓެކްސް ގެ ޕްރޮޕޯސަލް ލީކްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ ޓީވީ އިތުބާރުހުރި މަސްދަރަކުން މި ޕްރޮޕޯސަލް ލިބިފައިވާކަމަށާއި އެގޮތުން ވީއައިޕީ ފަރުމާކޮށް ޑިސައިން ކުރާނީ ޖެޓެކްސްއިން ކަމަށާއި ޖެޓެކްސްގެ ޖީއޭ ފްލައިޓްތަކަށް 1000 ސްކެއަރ މީޓަރުގެ ސަރަހައްދެއް ވަކިން ޚާއްސަކުރަންޖެހޭއިރު މިތަން އެއާޕޯޓުގެ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ ޖެޓެކްސްގެ ޖީއޭ ފްލައިޓްތައް ނެތް ވަގުތުތަކުގައި ކަމަށް އެ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާކަމަށް ރާއްޖެ ޓީވީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް