ކުޅުދުއްފުށީގައި އެންޑޯމެޓްރިއޯސިސް ކްލިނިކެއް ހުޅުވައިފި

ކުޅުދުއްފުށީގައި އެންޑޯމެޓްރިއޯސިސް އަދި ގައިން ގަޔަށް ނާރާ ބަލިތަކަށް (އެންސީޑީ) ޚާއްޞަ ކްލިނިކެއް ހުޅުވައިފިއެވެ.

މީގެ އިތުރުން ޓެލެމެޑިސިންގެ ޚިދުމަތްވެސް  ކުޅުުދުއްފުށީ ހޮސްޕިޓަލުގައި އިފްތިތާޙްކޮށްފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި  ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފްއެވެ.

މި ރަސްމިއްޔާތުގައި ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ޙަވާލުކުރުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ.

އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ޙަވާލުކޮށްދެއްވުން މިޖަލްސާގައި އޮތެވެ.

މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް