ވެނެޒުއޭލާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އިވާން ގިލް ޕިންޓޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، އެޤައުމުގެ ޚާރިޖީ ވަޒީރު، އިވާން ގިލް ޕިންޓޯ އަށާއި ވެނެޒުއޭލާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ ޚާރިޖީ ވަޒީރަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ވެނެޒުއޭލާ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.

‎އަދި އެ މެސެޖު ނިންމަވާލައްވަމުން ވަޒީރު ވަނީ، ވެނެޒުއޭލާގެ ޚާރިޖީ ވަޒީރުށް ދުޅަހެޔޮ ސިއްޙަތާއި ވެނެޒުއޭލާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް