އައު ޓާމިނަލްގެ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ "ޕެސެންޖާ ބޯޑިން ބްރިޖުތައް" އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ.

މި ތަމްރީނުތަކުގެ ބޭނުމަކީ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިކުރުވުން ކަމަށާއި އަދި ބޯޑިން ބްރިޖުތައް ސަލާމަތްތެރިކަމާއެކު އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އެގޮތުން މި ތަމްރީނުތަކުގައި ބައިވެރިވި މުވައްޒަފުން، ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރުމުގެ ކުރިން އޭގެ ސިމިއުލޭޓާ އެކްސަސައިޒްތަކެއްވެސް ވަނީ ހަދައިފައެވެ.

މި މަހުގެ 26 ގައި އައު ޓާމިނަލް ހުޅުވުމަށް ބާއްވާ ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާ އެކު، މަތިންދާބޯޓުން ޓާމިނަލަށް ފައިބަން ގުޅާލާ ބްރިޖެކެވެ. އެ ބްރިޖާ އެކު، ޓާމިނަލުން މަތިންދާބޯޓަށް އަދި ބޯޓުން ޓާމިނަލަށް ފަސިންޖަރުން ދިއުމަށް ބަސްތައް ބޭނުންކުރާކަށް ނުޖެހޭނެ އެވެ. ފަސިންޖަރުން ބޯޓުން ސީދާ ފައިބާނީ ޓާމިނަލަށެވެ.

މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެކަމަށާއި މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި މި ބްރިޖުތައް އޮޕަރޭޓް ކުރަން މިހާތަނަށް ވަނީ 46 މުވައްޒަފުން ތަމްރީންކޮށްފައިވާއިރު އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީން ކޮށްފައިވަނީ މެލޭޝިއާއަށް ފޮނުވައިގެން ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާ އަށް ފޮނުވައިގެން ތަމްރީނު ހެދި މުވައްޒަފުން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ފަސިންޖަރު ބޯޑިން ބްރިޖަށް އޮޕަރޭޓް ކުރާނެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް