"އެމްޕަވަމަންޓް ހަބް" އަށް، ޕާކިސްތާންގެ ހައި ކޮމިޝަނުން ހިލޭ އެހީގެ ގޮތުގައި ފައިސާ ހަދިޔާކުރައްވައިފި

"އެމްޕަވަމަންޓް ހަބް" އަށް، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ ހައި ކޮމިޝަނުން ހިލޭ އެހީގެ ގޮތުގައި ފައިސާ ހަދިޔާކުރައްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މިކަމާ ގުޅިގެން ޕާކިސްތާން ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވަވައި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އިން މިކަން މަގުފަހިކޮށްދެއްވުމުގައި ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޔޫ.އެން.ޑީ.ޕީއަށް ވެސް ޝުކުރު ދަންނަވައިފައެވެ.

"އެމްޕަވަމަންޓް ހަބް" އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހުޅުވުމަށް ތައްޔާރުވަމުން އަންނަ ތަނެކެވެ.

ޕާކިސްތާން ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް، ވަކީން ޚާއްސަގޮތެއްގައި، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައެވެ. މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ. މިގޮތުން، މި މަރުކަޒު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެމްޕަވަމަންޓް ހަބަށް ލިބިގެންދިޔަ މި އެހީއަކީ، މި ހަބްގެ މަސައްކަތްތައް ހަރުދަނާކޮށް، ފުރިހަމަކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ބާރެއް ކަމަށެވެ.

ޕާކިސްތާން ހައި ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލާ، ސައިޓް ވިޒިޓެއް ވެސް ކުރައްވާފައެވެ. މި އެހީއާއެކު، އެމްޕަވަމަންޓް ހަބުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ މުޖުތަމަޢަށް، ވަކީން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާބާދީއަށް، ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އިޖުތިމާޢީ ވުޒާރާއިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް