ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް އެންސީޑީ އެލައަންސްއާއި އެކު މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެ ޖަމިއްޔާއާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ބަލީގެ ކުރީކޮޅު ބަލި ދެނަގަތުމާއި، މުޖުތަމައަށް ހޭލުންތެރި ޕްރޮގްރާމް ހިންގުމާއި އެކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ޕްރޮމޯޝަން ހިންގުން ހިމެނެއެވެ. މޯލްޑިވްސް އެންސީޑީ އެލައަންސް އަކީ ކެންސަރ ސޮސއިޓީ އޮފް މޯލްޑިވްސް، ޑައިބެޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޓައިނީ ހާރޓްސް ޖަމިއްޔާ ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި މި ތިން ޖަމިއްޔާގެ އިސްވެރިން ބައިވެރިވިއެވެ. މިދިޔަ ފަސް އަހަރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރި ބަލތަކުގެ ތެރޭގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާ ގުޅޭ ބަލިތަކަށް ކަން ތަފާސްހިސާބުންދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް