މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންޑޯމެޓްރިއޯސިސް ފަރުވާއަށް 1 މިލިއަން ރުފިޔާ ހަރަދުކޮށްފި: އެންސްޕާ

އެންޑޯމެޓްރޯސިސްގެ ފަރުވާ އަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް 1 މިލިއަން ރުފިޔާ ހަރަދުކުރީ 14 މީހަކަށް ކަމަށާއި އެމީހުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އަދި އެންޑޯމެޓްރިއޯސިސް ގެ ފަރުވާ އަށް ބައެއް ފަރާތްތަކުން ބޭރުގެ އެކި އެކި ހޮސްޕިޓަލްތަކަށްވެސް ފަރުވާހޯދަންދާން ބޭނުންވާކަމަށާއި އެހެން ނަމަވެސް އެކަމަށް އެންސްޕާގައި އޮންނަ އުސޫލުން އެކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދޫކުރާކަމަށް ހީނާ ފާާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން، އެންޑޯ އެޑްވޮކޭޓްސްގެ ފަރާތުން ވަނީ އައިޖީއެމްޗްގައި ގާއިމުކޮށްފައި ހުންނަ އެންޑޯމެޓްރިއޯސިސް ހާއްސަ ކްލިނިކްގައި ހާއްސަ ސްޕެޝަލިސްޓުން ނެތުމާއި، އިތުރު ފަރުވާއަށް ބޭރަށް ފޮނުވާ ހޮސްޕިޓަލުތަކުގައިވެސް އެބަލީގެ ސްޕެޝަލިސްޓުން ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭއިބާ އަހްމަދު ވިދާޅުވީ އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓުން ކިޔާ ދާއިރާއެއް ނޯންނާނެ ކަމަށާއި އެއީވެސް ގައިނީން ކަމަށެވެ. އަދި ބައެއް ގައިނީން އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ޝައުގުވެރިކަމެއް ހުރުމުގެ ސަބަބުން ގިނަ މަސައްކަތްކޮށް ތަޖުރިބާ ހޯދަނީ ކަމަށެވެ. އަދި އެކި އެކި ތަމްރީން ދިނުމާއި އެކަމަށް ޚާއްޞަ ޑޮކްޓަރުން ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ތަމްރީން ދިނުމަށްވެސް ރާވާފައިވާ ކަމަށާއި އެގޮތުން އަންނަ މަހުވެސް ޓްރެއިނިންގެ އެއް ކުރިއަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން އެންޑޯމެޓްރިއޯސިސްގެ ފަރުވާ ފޯރުކޮށްދޭން ފެށީ 2023 ގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައެވެ. އަދި އެފަރުވާ އަށް ޚާއްޞަ ކްލިނިކެއް އައިޖީއެމްއެޗްގައި ވަނީ ޤާއިމްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް