ސަރުކާރުގެ އަޒުމަކީ ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަކީ މިނިވަން މާހައުލަކަށް ހެދުން: ވަޒީރު

ސަރުކާރުން އަމާޒުހިފާފައިވަނީ ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަކީ މިނިވަން، އަދި މުސްތަޤްބަލަށް ތައްޔާރުކުރެވިފައިވާ މާހައުލަކަށް ހެދުމަށްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސިންގަޕޯގައި ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގެ އަމާޒު މިގޮތަށް ހާމަކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަހުން އިޢުލާންކުރެއްވި ސިޔާސަތުތަކާއި އެކުއެވެ. އެ ސިޔާސަތުތަކުގައި ހަ އެޓޯލެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ދިނުމަށް ހަމަޖެހިފައިވާ ލުއިތަކާއި ހިތްވަރުދިނުންތައް (ކޮންސެޝަންސް އެންޑް އިންސެންޓިވްސް) މިވަނީ އިންވެސްޓަރުންގެ ސަމާލުކަމަށް ގެނެވިފައެވެ.

މިގޮތުން، އިންވެސްޓަރުންނަށް އިތުބާރު ކުރެވޭނެ އަދި ރައްކާތެރިކަން ކަށަވަރުވާނެ މާހައުލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި އަމާޒަކީ ހަމައެކަނި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމެއް ނޫން ކަމަށާއި މި އިންވެސްޓްމަންޓްތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތެއް ހޯދުމާއި، މުޅި ޤައުމުގައި ތަރައްޤީގެ ހަރަކާތްތައް ފުޅާކުރުން ކަމަށެވެ. މިގޮތުން، ރާއްޖެއަށް އިންވެސްޓްކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް، ދެފަރާތަށްވެސް ފައިދާވާނެ ގޮތަކަށް ކުރިއަށް ދިއުމަށް ސަރުކާރުން ކޮމިޓްވެފައިވާ ކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް