ބޮޑު ކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީއާއި ކަންނެލީގެ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

އަދި މި މައްސަލައަށް ބަހުސް ކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ތާއީދުކުރުމާއެކު މި މައްސަލައަށް ބަހުސް ކުރުމަށް 40 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްވެފައެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވަމުން މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ މަސްވެރިން ބާނާ މަސް، މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންނަމަވެސް ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭ ގޮތް ނުވުމާއި ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ މި މައްސަލަ ހުށަހެޅުއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އަދި ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން ލަސްވަމުންދާ ކަމަށާއި މަސްވެރިކަން ކުރުމަށް ހުރި ދަތިތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

"މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފެއް ދަނީ ކުރިމަތިވަމުން.... މި ހިނދުގައިވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި އެކިއެކި ދޯނިފަހަރުގައި އެބަހުރި،" ޒިޔާދު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް