ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ %88 މަސައްކަތް ވަނީ ނިމިފައި: ވަޒީރު

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %88 މަސައްކަތް ނިމިއްޖެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ ސެޕްޓެންބަރު މަހު ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ރަންވޭ މުޅިން ނިމިފައިވާއިރު، ޖުމުލަ މަޝްރޫޢުގެ 88.7 އިންސައްތަ ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ޕެސެންޖަރ ޓަރމިނަލްގެ 83 އިންސައްތަ މަސައްކަތްވެސް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހެންގާއާއި ކާގޯ އިމާރާތުގެވެސް 96 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް