ކިޔަވާކުއްޖާގެ މުޅި މުސްތަޤުބަލު އޮންނާނީ މުދައްރިސްގެ ޙަވާލުގައި: ވަޒީރު އާދަމް ޝަރީފު

ކިޔަވާކުއްޖާގެ މުޅި މުސްތަޤުބަލު އޮންނާނީ މުދައްރިސްގެ ހަވާލުގައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ތުއްތު ކުއްޖާ ރީތި ޔުނިފޯމެއް ލައްވާފައި، ސްކޫލަށް ފޮނުވަނީ ވަރަށް އިތުބާރާއެކު ކަމަށާ، އެއީ މަޑު ގޮދަން ފުށްގަނޑެއް ފަދަ، ބޭނުން ކޮންމެ ގޮތަކަށް ބައްޓަން ކުރެވިދާނެ ދިރިހުރި ޝަޚްޞެއް ކަމަށެވެ. ކުއްޖާ ކިޔެވުމަށް ޝައުޤުވެރިކުރުވުމާއި، އުފެއްދުންތެރި ވިސްނުމުގެ ބިނާކުރަނިވި ފިކުރުގެ ހަރުދަނާ މުވާތިނަކަށް ހެދުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ މުދައްރިސުންގެ ކޮނޑުގައި އެޅިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިވަރު ދިރިއުޅެން ދަސްކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ އެއް ފަރާތަކީ މުދައްރިސުން. އެ ޒިންމާއާއި އެ ބުރަ މަސްއޫލިއްޔަތު މުދައްރިސުން އަދާކުރައްވާކަމީ އުފާކުރާ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށާއި މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލުވުމުގެ ޒިންމާ އުފުއްލަވަން، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މުދައްރިސުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ތަޞައްވުރަށް ވާސިލުވުމަށް ޓަކައި ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތު ދަމަހައްޓައި، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދަންޖެހޭ! އުނގެނުމާއި، ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ހަދަންޖެހޭ! ތިމާގެ އަމިއްލަ ޢާއިލާއާއި، މުޖުތަމަޢުއާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި، އަދި ޒިންމާދާރު ފަރުދަކަށް ހަދަންޖެހޭ!" މިނިސްޓަރ ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025ގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާ، ތައްޓާ، ޝީލްޑް ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް