ބިދޭސީ މަސައްކަތްތެރިންގެ ޞިއްހަތާއި ބެހޭ ސިޔާސަތު އިފްތިތާހްކޮށްފި

ބިދޭސީ މަސައްކަތްތެރިންގެ ސިއްހަތާއި ބެހޭ ނެޝަނަލް މައިގްރެންޓް ހެލްތު ޕޮލިސީ އިފްތިތާޙުކޮށްފިއެވެ.

ބިދޭސީ މަސައްކަތްތެރީންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ތައްޔާރުކުރި ސިޔާސަތު އިފްތިތާހުކުރުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އައު ސިޔާސަތާއެކު އެންމެން ޝާމިލުވާ، އިންސާފުވެރި ޞިއްހީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވޭނެ ކަމަށާއި، ބިދޭސީ މަސައްކަތްތެރިންގެ ޞިއްހީ ފަރުވާ ކަށަވަރުކުރެވުމުން އެކަށަވަރު ކުރެވެނީ މުޅި ޤައުމުގެ ޞިއްހީ ދުޅަހެޔޮކަންކަމަށެވެ.

ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމެވެ.

ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައިރެވިފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން، ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުން، ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން، ނާޒުކުކަން ކުޑަކުރުން އަދި ނިޒާމުތައް ޤާއިމުކުރުމެވެ.

ނެޝަނަލް މައިގްރެންޓް ހެލްތު ޕޮލިސީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ކާއްޞަ ޕެނަލް ޑިސްކަޝަންއެއްވެސް ބާއްވާފައެވެ. މި ޕެނަލް ޑިސްކަޝަންގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ސައްހަ ވިސާނެތި އުޅޭ ބިދޭސީން ޑޮކްޓަރަށް ދެއްކުމުގައި ހުރި ގޮންޖެހުމާއި އެމީހުން ގައުމަށް ފޮނުވާލާނެ ބިރު އޮންނާތީ ފާމަސީން ބޭސްނަގައިގެން ފަރުވާހޯދާކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ސެންޓަރަކާއި ޕޯޓަލްއެއްވެސް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން އެ މީހުންނަށް ދިމާވާ ތަފާތު ދަތިތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ކުރައްވާފައިވާ މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް