ގައުމީ ބަޔޯޑައިވަސިޓީ ސްޓްރެޓެޖީގައި ރައްޔިތުންގެ ބައިވެރިވުމަށް އިލްތިމާސް ކުރައްވައިފި

ގައުމީ ބަޔޯޑައިވަސިޓީ ސްޓްރެޓެޖީގައި ރައްޔިތުންގެ ބައިވެރިވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގައުމީ އެޑެޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އާއި ގައުމީ ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެން.ބީ.އެސް.އޭ.ޕީ) އާ ގުޅޭގޮތުން ބޭއްވި ކޮމިއުނިޓީ އެންގޭޖްމަންޓް ފޯރަމް އިފްތިތާޙް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، އެ މަސައްކަތްތަކުގެ އަމާޒުތައް ހާސިލުކުރުމަށް ރައްޔިތުންނާއި ސަރުކާރު ނޫން ޖަމްޢިއްޔާތަކުގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މި ފޯރަމް ބޭއްވުނީ، ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރެއިންނެވެ. މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ، މޫސުމީ ބަދަލުތަކަށް ތިމާވެށި ހޭނުވުމާއި ގައުމީ ފެންވަރުގައި ހިމާޔަތްކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުމުގައި އާންމު ރައްޔިތުންނާއި އެން.ޖީ.އޯ.ތައް ބައިވެރިކުރުމެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ، ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މުސްތަޤުބަލަށް އަމާޒުކޮށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަކީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި ކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން އަޅުގަނޑުމެންގެ ރަށްތަކާއި ދިރިއުޅުން ރައްކާތެރިކުރުމަށް، އެން.އޭ.ޕީ އާއި އެން.ބީ.އެސް.އޭ.ޕީ ފަދަ މުހިންމު ރޭވުންތައް ތަންފީޒުކުރުމުގައި ކޮންމެ ރައްޔިތަކާއި ކޮންމެ ޖަމްޢިއްޔާއެއްގެ ދައުރަކީވެސް ވަރަށް މުހިންމު ދައުރެއް،" މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މި ފޯރަމްގެ ތެރެއިން، ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށާއި އެން.ޖީ.އޯ.ތަކަށް ފޯރުކޯށްދީފައިވާ ކަމަށް މިނިސްޓޤރީން މައުލޫމާތުދެއެވެ. އަދި މިފަދަ ފޯރަމްތަކަކީ، ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދައި، އެންމެ އެކަށޭނެ ގޮތްތައް ކަނޑައެޅުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓްރީން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް