ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ސެންޓަރެއް ހުޅުވައިފި

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅުމަށް "މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ" ގެ ނަމުގައި ހޯމް މިނިސްޓްރީން ސެންޓަރެއް ހުޅުވައިފިއެވެ.

އެ ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައިއޯއެމްގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އެ ސެންޓަރުގެ އިތުރުން އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް "މައިގްރެންޓް ކަނެކްޓް"ގެ ނަމުގައި ޕޯޓަލެއްވެސް ވަނީ ފަރުމާކޮށްފައެވެ. އެ ޕޯޓަލްވެސް އިފްތިތާޙުކޮށްދެއްވީ ހެލްތު މިނިސްޓަރު ނާޒިމްއެވެ. ޕޯޓަލް ހުޅުވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހޭނެކަމަށާއި، ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުން އަންނަކަމަށެވެ.

އަދި މިހާރު އިފްތިތާޙުކޮށްފައިވާ ޕޯޓަލާއި ޤާއިމުކޮށްފައިވާ ސެންޓަރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ނަމަވެސް، ގަވާއިދުގެ ތެރެއަށް ވަނުމަށް އެހީތެރިވެދޭނެ ކަމަށް ޑރ. ފައިރޫޝް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް