އިތުރު އެހެން މަންޒިލްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދޭނަން: ވަޒީރު

ރާއްޖޭގެ ފަތުރުވެރިކަން އެހެން ސަރަހައްދުތަކުގައި ޕްރޮމޯޓުކުރުމަށް އިސްކަންދެއްވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، މެދު އިރުމަތީގައި ހިނގާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ނުކުރާނެގޮތަށް، ރާއްޖޭގެ ފަތުރުވެރިކަން އެހެން ސަރަހައްދުތަކުގައި ކުރިއަރުވަން މުހިންމުކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަތަކުން ރާއްޖެއަށްވެސް ލޮޅުންތައް އަންނާނެކަމަށާއި އެހެންކަމުން ފިޔަވަޅުތައް އަޅަން މުހިންމުވާނެކަމަށެވެ.

"ހަނގުރާމައިގައި މިކަހަލަ ކަންތައް ވެއްޖެއްޔާ ބޮޑެތި ލޮޅުންތައް އަންނާނެ. އެ ލޮޅުންތަކަށް ބަލައިގެން އިތުރު އެހެން މަންޒިލްތަކުގައި ފަތުރުވެރިކަން ކުރިއެރުވިއްޖެއިއްޔާ، ވަރަށް ފަހި ފުރުސަތުތަކެއް އެބައޮތް. ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ވިދާލާނެ ރިސޯޓުތެއް ހުންނާނެތަނަކަށް ވެފައި ޓުއަރިޒަމުން ލިބޭ ނަފާ ލިބިގެންދާނެތީ." ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ފަތުރުވެރިން އާންމުކޮށް އަންނަމުންދާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތަކަށް ފުޅާކުރަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓްރެވެލް އޭޖެންޓުނާއި ރިސޯޓުތަކާއި އެއަރލައިންތަކާއެކު އެމަސައްކަތް ކުރަމުންދާކަމަށާއި، އިރާން-އިސްރާއީލް ހަނގުރާމައިގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްވި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަތުތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށެވެ.

"އެއީ އަޅުގަނޑަށް ހީވާނީ ވޭކް-ކޯލެއް ހެން އެހެން ދިމާތަކަށް އެހެން އޭރިއާތަކަށް، މާކެޓް ކުރުމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެކަމަށް މަސައްކަތް ކުރާނަން. މިއަންނަ އަހަރު ބަޖެޓުންވެސް އެމްއެމްޕީއާރްސީގެ ބަޖެޓުންވެސް އިތުރަށް އެހެން ދިމާތަކަށް ފޯކަސް ކުރުމުގެ މަސައްކަތް ކުރާނަން." ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ތަޖުރިބާތަކުގެ އަލީގައި ދެން ކުރެވޭނެ ކަންކަން ބަލައި، އިތުރު މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިގޮތަށް މަސައްކަތް ކުރެވޭނަމަ ފަހި ފުރުސަތުތަކެއް އޮންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް