ރައީސް، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މި އިދާރާ އުފެއްދެވިކަން އިޢުލާން ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައީސް އަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ އެމްބަސީއެއް ޤަޠަރުގައި ރައީސް އުފެއްދެވީ، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ، ސިޔާސީ، އިޤުތިޞާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކުރައްވާފައިވެއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 502 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް