ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

މި މަހުގެ 9 ވަނަ ދުވަހު ނިޔާވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްމަރްހޫމް އައްޝައިޚް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ޝެއިޚް ފަރީދު މަސައްކަތްކޮށްދެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން، މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝެއިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ.

އެއާއެކު މިއަދު ޚިދުމަތް ޖަމިއްޔާއިން ވަނީ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. ބިންގާ އަޅައިދިނީ ޝެއިޚްގެ އެ ދެ ދަރިކަލުންނެވެ.

ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.

ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.

މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާއިން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް