"ވޭސްޓް ޓު އާޓް"ގެ ޙަރަކާތެއް ލ. ގަމުގައި ބާއްވައިފި

ލ. ގަމުގެ ބޮޑަމަގަ ބީޗްގައި "ވޭސްޓް ޓު އާޓް" ގެ ޙަރަކާތެެއް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްްވައިފިއެވެ.

އިއްޔެ ހެނދުނު މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ފާއިޒެވެ.

މި ޙަރަކާތުގައި ރަށުގެ 220 އަށްވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު، މި ހަރަކާތުގެ ބައިވެރިން އެސަރަޙައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައިވާ ކަމަށާއި މި ޙަރަކާތުގެ މަޤުޞަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުންކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާއިޒް ވަނީ މި ހަރަކާތުގައި ބައިވެރިވި ބޭފުޅުންނަށާއި އެ ރަށުގެ ރައްޔިތުން ދެއްވި ތަރުހީބަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

"ވޭސްޓް ޓު އާޓް" ޙަރަކާތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އާދަތައް އާލާކުރުމަށާއި، ޕްލާސްޓިކުން ކތިމާވެށީގެ ތަޣައްޔަރުވުން މަދުކުރުމަށާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭނެއްގެ ބައެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް