ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރަން ޕްލޭންކޮށްފި
އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގެންގުޅުއްވާ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ‎އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯ އަދި ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް، މި މަޝްރޫޢުގެ ދަށުން ސަރުކާރުން އިސްކަންދެއްވާނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރެއްވުމަށްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ‎މި މަޝްރޫޢު ކުރިއަށް ގެންދާނީ ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް، އޭގެ ތެރޭގައި އެކިކަހަލަ ލުއިތަކާއި، އިސްތިސްނާތައް ދީގެން، އިންވެސްޓްކުރުމާއި، އަދި މާކެޓިންގެ މަސައްކަތްތައްވެސް ހިމެނޭ ގޮތަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިންވެސްޓްމަންޓް އިތުރުކޮށް، ސަރަޙައްދީ އަދި އިޤުތިޞާދީ ޙަރަކާތްތައް ކުރިއެރުވުމެވެ. ‎ރައީސް ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށެވެ. ‎ރައީސް ފާހަގަކުރެއްވި ގޮތުގައި، ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ދިވެހިރާއްޖެ މިހާރު ވަނީ ފަތުރުވެރިކަމުގެ އައު ބާބެއް ފެށުމަށް ތައްޔާރުވެފައެވެ‎.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް