ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ ލޯގޯ އާންމުކޮށް

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ ރޭގައި ޕީއެސްއެމް ނިއުސް ރޭގަނޑު 8:00 ޚަބަރު ތެރެއިން ދައްކާލައިފިއެވެ.

މި ލޯގޯ ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާފައިވާއިރު ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިމަހު ކުރީކޮޅު ހުޅުވާލިއެވެ.

އިސްލާމްދީނާއި، ދިވެހިބަހާއި، ސަގާފަތާއި، ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއެކު، ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދޭންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އާއިޝަތު ޙަމްލާ ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލުމާއެކު 30 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވެއެވެ. "ދެ މަރުހަލާއަކަށް މަސައްކަތް ކުރެވިފައިވޭ. ފުރަތަމަ މަރުހަލާގައި ބެލީ، ހުށަހަޅާފައިވާ ލޯގޯތަކުން އުސޫލާއި އެއްގޮތަށް ހުށަހެޅީ ކޮން ބޭފުޅުންތޯ. ދެވަނަ މަރުހަލާގައި ބެލީ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައި ހުރީ ކިހާ ލޯގޯއެއްގެ ތޯ" އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ކޮމެޓީގެ މެންބަރު މުޙައްމަދު ޢަބްދުލްޤާދިރު ވިދާޅުވި ގޮތުގައި ހޮވުނު ލޯގޯގައި ދިވެހިވަންތަކަމާއި ޤައުމީ ވަންތަކަން އެކުލެވިގެންވެއެވެ. "އަޅުގަނޑުމެންނަށް 1 އަށް ފެނުނު ލޯގޯއާއި މެދު ވަރަށް ހިތްހަމަޖެހޭ. އޭގައި އެބަހުރި ދިވެހި ވަންތަކަން. ޤައުމީ ވަންތަކަން. ހުރިހާ ސިފަތަކެއް އޭގައި ހިމެނޭ" އޭނާ ވިދާޅުވިއެވެ.

މިނިވަން 60ގެ ލޯގޯ އާންމުކޮށް ދެއްކުމާއެކު، މިއަހަރުގެ މިނިވަން ދުވަހުގެ ކައުންޓްޑައުން ޕީއެސްއެމްއިން މެންދަމު 12:00 ޖެހުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް