ބީއެމްއެލްއިން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.

"އީއެންވީ ޕޮސް" ގެ ނަމުގައި ތަޢާރަފްކުރި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މިއީ ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތަކަށް ބޭންކުން ވަކި ޢަދަދެއް ކަނޑައަޅައި، އެ ފައިސާ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވީ، އީއެންވީ މުޢާމަލާތްތަކުން ފައިސާ ކަނޑަނީ އާންމުންގެ އަތުން ނުވަތަ ވިޔަފާރިތަކުން ނޫންކަމަށެވެ. އެ ފައިސާ ކަނޑާނީ ޢާންމުންކުރާ މުޢާމަލާތްތަކުން ބީއެމްއެލް އަށް ލިބޭ ފައިދާއިން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ ކަމަށެވެ.

އަދި މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، އެއްވެސް ކަސްޓަމަރަކަށްވެސް އަދި ވިޔަފާރިތަކަށްވެސް އެއްވެސް އިތުރު ޚަރަދަކާ ނުލައި، މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މިއީ އެއްފަހަރު ހިނގާ ކެމްޕޭނެއް ނޫންކަމަށާއި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޒިންމާދާރު ކުންފުންޏެއްގެ ޙައިސިއްޔަތުން ބީއެމްއެލްގެވެސް ޒިންމާއެއްކަމަށް ޤަބޫލުކުރާ ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފައިސާ ހޭދަކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމްޢިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައްކުރުމަށް ހިންގާ މަޝްރޫޢުތަކަށް މިޕްރޮގްރާމުން ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް