ބޮޑެތި ތުޙުމަތުތަކަކާއެކު ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސަސްޕެންޑުކޮށް، ބައެއް މެންބަރުންނަށް ފިޔަވަޅު އަޅަނީ

ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވިކަމުގެ ބޮޑެތި ތުހުމަތުތަކެއްކޮށް ގދ. ތިނަދޫ ކައުންސިލުގެ މޭޔަރު ސަޢުދު ޢަލީ އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ހިމެނޭހެން އެ ކައުންސިލުގެ ބައެއް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންތަކަކަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

މިކަން އެލްޖީއޭއިން ހާމަކޮށްފައިވަނީ މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން، އެލްޖީއޭގެ ބޯޑުން މި ފިޔަވަޅުތައް އެޅުމަށް ނިންމީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށް، ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުގައިކަމަށާއި، މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ދިރާސާކޮށްފައިވާނެކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އަދި، ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. އަދި އެ އިދާރާގެ މޮނިޓަރިންއަށްވެސް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އިންކުއަރީގައި އެފަދަ 19 މައްސަލައެއް ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ބަލާފައިވާ 19 މައްސަލަ؛

  1. ދައުލަތުގެ އިދާރާތަކުން އެ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ.
  2. ތިނަދޫން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000ރ. ގެ ފީއެއް ނަގާ މައްސަލަ.
  3. ރަށްވެހިކަން ބަދަލުކުރުމަށް އެ ނަގާ ފީ ނެގުން ހުއްޓާލަން އެލްޖީއޭގެ ބޯޑުން އެންގި އެންގުމަށް ޢަމަލުކޮށްފައިނުވާ މައްސަލަ
  4. އަތޮޅު ކައުންސިލާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ.
  5. އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް ތިނަދޫ ސިޓީ ކައުންސިލުން ޢަމަލުނުކުރާ މައްސަލަ
  6. ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދިނުން.
  7. އޭސީސީން ތިނަދޫ ކައުންސިލުން ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން.
  8. ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ.
  9. ސަރުކާރުގެ ހައުސިންގ ސިޔާސަތުގެ ދަށުން ގދ. ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރުން.
  10. ތިނަދޫ ކައުންސިލުން ދޫކޮށްފައިވާ ގޯތިތަކަށް ވަޅުފެން ނުލިބޭތީ އެކަމާ ގުޅިގެން ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު މޭޔަރ އާއި ބައްދަލުކުރުމަށް އެދުމުން ބައްދަލުކޮށްފައިނުވާ މައްސަލަ
  11. ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ.
  12. ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީ ސިޓީ ކައުންސިލެއް އުފައްދާފައިނުވަނީސް، ސިޓީ ކައުންސިލެއްގެ މޭޔަރ އާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކައުންސިލްގެ ރައީސްއާއި މެންބަރުން ނެގި މައްސަލަ
  13. ސިވިލް ސަރވިސް ޤާނޫނާ ގަވާއިދާ ޚިލާފަށް ވޭޖް އުސޫލުން އިޢުލާނުކުރުމެއްނެތި ސިޓީ ކައުންސިލަށް މުވައްޒަފުން ނަގާ މައްސަލަ
  14. ކައުންސިލުގެ މެންބަރުން ކައުންސިލް ޖަލްސާގެ އެޖެންޑާއަށް ހުށަހަޅާ ކަންކަން އެޖެންޑާ ނުކުރާ މައްސަލަ
  15. ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް، ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓްކޮށްގެން ކުރިއަށްގެންދާ މައްސަލަ
  16. ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލުން ލޯންޗެއް ގަތުމަށް ޕްރޮކިއަރ ކޮށްފައިވާ މައްސަލަ
  17. ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކި ގޮތަކަށް ކަންކަން ކުރުވާ މައްސަލަ
  18. ކައުންސިލުގެ މެންބަރު މުޙައްމަދު ޒަލީފު އަބްދުﷲގެ ސާބިތު ދަރަނީގެ މައްސަލަ
  19. ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ލޯކަލް ކައުންސިލްތަކުގެ އާއްމު އިޖުރާޢަތް ޤަވާއިދާ ޚިލާފަށް ޖަލްސާގައި ބައިވެރިވާ މައްސަލަޔާ އެލަވަންސް ނަގާ މައްސަލަ

އެލްޖީއޭއިން ވިދާޅުވީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އިންކުއަރީއަށް ސާބިތުވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާ ކަމަށާއި، އެހެންވެ މައްސަލަތަކުގެ ކުޑަބޮޑު މިނަށް ބަލައި އޭގެ ސަބަބުން ލާމަޒުކަޒީ ނިޒާމަށާއި އެ ކައުންސިލަށް ނުހަނު ގިނަ ގެއްލުންލިބޭނެކަމަށް ފެންނަކަމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައެވެ.

އެހެންކަމުން، އެ މައްސަލަތަކަށް ބަލާއިރު ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލް ހިންގާފައިނުވާތީއާއި ކައުންސިލުގެ މަސައްކަތްތައް ހިނގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ މޭޔަރުކަމަށާއި މޭޔަރު ގާނޫނާ ޚިލާފުވެފައިވާކަން ފާހަގަވާތީ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.

އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަޙްމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށް އެންގެވުމަށްވެސް އެ ބޯޑުން ވަނީ ނިންމަވާފައެވެ.

އަދި ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ޤާނޫނާއި އެއްގޮތަށް ކުރިއަށްގެންދިޔުމަށް އެންގެވުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، އެލްޖީއޭގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، ބޯޑުން ނިންމާފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ، އިިންކުއަރީގެ މަސައްކަތްކުރުމަށް އެލްޖީއޭގެ 7 މުވައްޒަފުންގެ ޓީމެއް 5 ދުވަސް ވަންދެން ތިނަދޫ ސިޓީ ކައުންސިލުގައި ހަރަކާތްތެރިވެފައިވާކަމަށާއި، އިންކުއަރީގެ މަސައްކަތަށް ތިނަދޫ ސިޓީ ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދީފައިވާކަން ފާހަގަކުރާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް