މި ފެށޭ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރު.ޓީ.އެލްގެ ޚިދުމަތްތައް ފެށޭނެ: ވަޒީރު

މި ފެށޭ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތްތައް ލިބޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އާރު.ޓީ.އެލް ހިންގަމުންދާ އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ ކަމަށާއި، އަދި އެއްވެސް އަތޮޅެއްގެ ޚިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި ސަރުކާރު އައި އިރު އާރު.ޓީ.އެލްގެ ރޯލްއައުޓް ޕްލޭން އޮތީ 2027 ގައި ނިމޭގޮތަށް ރިވައިޒް ކުރައްވާފައި ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ގައި މި މަސައްކަތް ނިންމުމަށް އަވަސް ކުރުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ނިންމެވުމުގެ ދަށުން ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް އާރު.ޓީ.އެލްގެ ޚިދުމަތް ފެށޭނެ ކަމަށާއި، އެހެން އަތޮޅުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިހާރު ޚިދުމަތް ދެމުންދާ އެއްވެސް އަތޮޅެއްގައި ބެކަޕްގެ ގޮތުގައި އެއްވެސް އުޅަނދެއް ޤާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، ލޯންޗްތަކުގެ މެއިންޓެނަންސަށް ވެސް ޚިދުމަތުން ބައެއް ދުވަސްދުވަހު ނަގަން ޖެހޭ ކަމަށާއި، އެހެންކަމުން ބެކަޕް އުޅަނދުތައް ހުރުމުގެ މުހިންމުކަން އެބަ އޮތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް