ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސް
ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވިމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، "ވިމެން އިން ޑިޕްލޮމަސީ" ދުވަސް ފާހަގަކުރާއިރު ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަން ޖެހޭ ކަމަށާއި އަދި ޑިޕްލޮމަސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އދ.ން ފެށި ހަރަކާތުގެ މައި ހިއްސާދާރެއްގެ ގޮތުގައި ދިވެހި ރާއްޖޭން މި ދުވަސް ފާހަގަކުރަނީ ފަޚުރުވެރިކަމާއެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގޮތް ނިންމާ ފެންވަރުގެ މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި އަންހެނުންނާއި އަންހެން ކުދިން ތަމްސީލް ކުރާ، އެ މީހުންގެ އަޑުއަހާ، އަދި އިހުތިރާމްކުރާ މުސްތަގުބަލެއް ބިނާކުރުމުގައި ރާއްޖޭން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި، ބައިނަލްއަޤްވާމީ ހަމަޖެހުމާއި ތަރައްގީގައިވެސް އަންހެނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް