ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދަނީ ބަލަމުން: މާލީ ވަޒީރު
މެދުއިރުމަތީގައި މިވަގުތު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް މި ސަރުކާރުން ވަރަށް ފުންކޮށް ދިރާސާކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފައިވަނިކޮށެވެ. އެގޮތުން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި، ކާބޯތަކެތީގެ ސަޕްލައި ޗެއިން ދެމެހެއްޓުމާއި، ޤައުމުގެ މާލީ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެމުންދާކަމަށެވެ. މީގެ އިތުރުން، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، އިންފްލޭޝަންގެ ނިސްބަތާއި، ވިޔަފާރިތަކަށް ދިމާވެދާނެ ހުރަސްތައް ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، މިކަންކަން ބެލެހެއްޓުމަށް ކަމާގުޅޭ އިދާރާތަކާއެކު ވިލަރެސްކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ދިވެހި ރައްޔިތުންގެ މަންފާ ހިމާޔަތްކުރުމަށާއި، މިފަދަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި މި ހާލަތުގެ ސަބަބުން އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާކަންވެސް ވަނީ ހާމަކުރައްވާފައެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް