މިނިމަމް ވޭޖް މުރާޖައާކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ: ވަޒީރު

މިނިމަމް ވޭޖް މުރާޖައާކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މިއަދު މިނިސްޓަރާ ކުރެއްވި ސުލާކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިނިމަމް ވޭޖް މުރާޖައާނުކޮށް ލަސްވާތީ އެކަމާ ގުޅޭ ގޮތުން މެންބަރު މައުރޫފު ޒާކިރު ވަނީ ސުވާލުކުރައްވާފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގާނޫނުގެ ދަށުން ފުރަތަމަ މިނިމަމް ވޭޖު ކަނޑައެޅުނީ ނޮވެމްބަރު 8، 2021 ގައިކަމަށާއި އޭގެ ފަހުން މިނިމަމް ވޭޖު މުރާޖައާ ކުރަންޖެހޭ ތާރީހަކީ ނޮވްމެބަރު 8، 2023 ކަމަށެވެ.

"މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މި މިނިސްޓްރީން މި މަސައްކަތް ކުރުމަށްޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކުރެވުނު،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އާ ބޯޑާ ހިއްސާކުރުމަށް ވަގުތު ބޭނުންވިކަމަށާއި މިނިމަމް ވޭޖުގެ މަސައްކަތުގައި އުޅުއްވި ޓެކްނިކަލް ގިނަ ބޭފުޅުންތަކެއް އެކި ސަބަބުތަކާހުރެ މަސައްކަތާ ދުރަށް ގޮސްފައިވާ އެހެންކަމުން މިފަދަ މަސައްކަތަކަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާ އާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.

އަދި ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖް ރިވިއުކުރުމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވާ ކަމަށާއި އެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއީ ވަރަށް ޙައްސާސް މައްސަލައެއް ކަމަށާއި މިކަމަށް ރަނގަޅު ދިރާސާއެއް ކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށްވެސް ވަޒީރު ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް