އަމާޒަކީ އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި 5 އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުން: ވަޒީރު

އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި 5 އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުންކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވާން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި އަހަރުގެ އިމްތިހާންގައި އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީއަހަރަށްވުރެ 106 އިތުރުވެފައިވާކަމަށާއި އަދި ނަތީޖާ މިހާރަށްވުރެ މަތިކޮށް ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކަށް ވަދެވޭ ކުދިންގެ އަދަދު ގިނަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެ ވުޒާރާގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށެވެ.

އަދި އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕްރޮގްރާމުން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީއަހަރަށްވުރެ %77 މަތިވެގެންދިޔަކަމަށާއި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕާއި ޕްރައިވެޓް ސްކޫލްތައް ގުޅިގެން މުޅި ޖުމްލަ އެއްކޮށްލުމުން އޭލެވެލް ކިޔަވާ ކުދިންގެ އަދަދު މުޅި ރާއްޖޭގައި %38 އިތުރުވިކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" ވަޒީރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް