ޖޫން މަސް ނިމުމުގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

މި ހިނގާ ޖޫން 30 ވަނަ ދުވަހުގެ ކުރިން، ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކަށް 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން އަންގައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން މި ހިނގާ ޖޫން 30 ވަނަ ދުވަހުގެ ކުރިން، ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އަންގާކަމަށާއި އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާފަރާތްތަކަށް 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް އެޅިގެން ދާނެއެވެ.  

އެ ފިޔަވަޅުތަކަކީ؛

  1. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން. 
  2. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީ އަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާޠިލްކުރުން. 
  3. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުޞަތު ދިނުން. 
  4. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވަރކް ޕަރމިޓް ބާޠިލްކުރުން. 
  5. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން. 
  6. ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވަރކް ޕަރމިޓެއްގައި 1  އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން.  
  7. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުން.  
  8. އަދި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވަރކް ޕަރމިޓް ބާޠިލްކުރުން.  

މިނިސްޓްރީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވުމަށާއި ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް