ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ރަނގަޅު ޓީޗަރުން ބޭނުންވާކަމީ ޝައްކެއް އޮތްކަމެއް ނޫން: ވަޒީރު

ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ރަނގަޅު ޓީޗަރުން ބޭނުންވާކަން އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވަމުންދާކަމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ރާއްޖޭގައި ޓީޗަރުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށާއި ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވާ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ޤައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާޙުކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލުމަށް ހޯދުމަށްކަމަށާއި މި ޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުންކަމަށާއި އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން %74 އަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ވަޒީރު ވަނީ އޭ ލެވެލްގައި ކިޔަވާ ނުވަތަ އޯ ލެވެލް ނިންމި ދަރިވަރުން ވެސް ޓީޗިން ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފަ އެވެ.

"މޮޅު ކުދިން މި ދާއިރާއަށް ވަދެގެން މޮޅަށް ކިޔަވައި ދެވޭނީ... އަޅުގަނޑުމެން ގައުމުގައި ވެސް ތައުލީމީ ސިސްޓަމް ހަރުދަނާ ކުރަން ބޭނުން ނަމަ މި ދާއިރާއަށް، ކިޔަވައި ދިނުމުގެ ދާއިރާއަށް މޮޅެތި ކުދިން ގެނައުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހޭ. އަދި އެ މޮޅު ކުދިން މި ދާއިރާއަށް ގެނައުމަށްޓަކައި ނިޒާމުގެ ތެރެއިން އަތުރާލާ ތަރުތީބުކުރަން ޖެހޭ ކަންކަން ވެސް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް