އިސްރާއީލަކީ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ގައުމެއް: ޚާރިޖީ ވަޒީރު

އިސްރާއީލަކީ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ގަައުމެއްކަމަށާއި އެ ގައުމުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 51 ވަަނަ ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރުގައި ވަޒީރު ވަނީ ދުނިޔޭގެ އޮއިވަރަށް އަންނަމުންދާ ބަދަލުތަކާއެކު އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި، އަދި އިސްލާމީ އުންމަތުގެ ތެރޭގައި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި، ވަކިން ޚާއްސަކޮށް މެދުކެނޑުމެއްނެތި ޔަހޫދީ އިސްރާއީލުން ޣައްޒާ އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެކަމާމެދު ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އިސްރާއީލަކީ އަނިޔާވެރިކަން ހައްދެއް ނެތް ގައުމެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަން ދޭހަވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހައްދުފަހަނައެޅި ޔަހޫދީން އިރާނުގެ ބިންތަކަށް ދެމުންދާ ހަމަލާތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް ދެވުނު ހަމަލާތަކެއްގެ ގޮތުގައި ސިފަކުރައްވައި ވަޒީރު ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އަދި ޔަހޫދީންގެ ހަމަލާތަކަށް 2 އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި އަމަލުތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، އެ ހަމަލާތައް ދަނީ އިތުރުވަމުންކަމަށާއި މި ހަމަލާތަކުގައި ފަލަސްޠީނުގެ 50،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ލައްކައަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި 17،000 ކުޑަކުދިންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މުޅި ޣައްޒާ ސުންނާފަތިކޮށްލުމަށްފަހު ޔަހޫދީ ބާރުތަކުން އީރާނުގެ ބިންތަކަށް މިހާރު ދެމުންދާ ހަމަލާތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްހައަށް ދިން އިތުރު ހަމަލާތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިސްރާއީލުގެ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން މިހާރު ޢަމަލު ނުކޮށްފިނަމަ ތާރީޚުން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެ. އުއްމަތް އަޅުގަނޑުމެންނަށް ބަލަނީ އެއްބާރުލުން ހޯދުމަށް. ނިކަމެތިން އެމީހުންގެ އަޑަކަށް ވުމަށް ބަރޯސާވަނީ އަޅުގަނޑުމެންގެ މައްޗަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެންނަން އެބަޖެހޭ. ފަލަސްޠީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއި ދެމިއޮންނާނެ." ވަޒީރު ވިދާޅުވިއެވެ.

ރާއްޖެެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައިކަމަށާއި ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް