އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޙަލީލު ތުރުކީވިލާތަށް ވަޑައިގެންފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރ އަބުދުﷲ ޚަލީލް ގެ މި ދަތުރަކީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 51 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރެކެވެ.

މިނިސްޓަރ މިއަދު ވަނީ މިބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ބައިވެރިވަޑައިގެންފައެވެ. މިކަން ހާމަކޮށް އެމަނިކުފާނުގެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް މަރުހަބާ ދެންނެވި ކަމަށެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގައި އިސްލާމީ ދުނިޔޭގައި އެކުވެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް