ފިޔޯރީގައި ގާއިމުކުރެވުނު ފެނާއި ނަރުދަމާގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ގދ. ފިޔޯރީގައި ގާއިމުކުރެވުނު ފެނާއި ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ބުނީ އެ މަޝްރޫޢުގެ ދަށުން މިިހާރު ކުރިއަށްދަނީ ފިޔޯރީގެ ފެނާއި ނަރުދަމާގެ ޚިދުމަތް އާއްމުންނަށް ދިނުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކުރުމުގެ މަސައްކަތްތައްކަމަށެވެ،

އަދި މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމު އަދި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއިއެކު ވަނީ ކާމިޔާބުކަމާއެކު ޓެސްޓްކޮށް ކޮމިޝަން ކުރެވިފައިވާ ކަމަށާއި، 9.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވަރކްއަކާއި، 5 ޕަންޕިންގ ސްޓޭޝަން، އަދި ދުވާލަކަށް 290 ކިލޯލީޓަރު ޓްރީޓްކުރެވޭ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މި ނިޒާމުގެ ދަށުން ފިޔޯރީގެ 227 ގޭބީސީއަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން، ފެނުގެ ޚިދުމަތް ދިނުމަށްޓަކައި 10.3 ކިލޯމީޓަރުގެ ފެނުގެ ނެޓްވަރކާއި، 71 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، ފެންރައްކާ ކުރާ 532 ކިޔުބިކް މީޓަރުގެ 2 ޓޭންކާއެކު 225 ގޭބީސީއަކަށް ފެނުގެ ޚިދުމަތްދެވޭނެގޮތް ވަނީ ކަށަވަރުކުރެވިފައެވެ.

މިހާރު ކުރިއަށްދަނީ މި ޚިދުމަތްތައް ފިޔޯރީގެ ރައްޔިތުންނަށް ދިނުމަށްޓަކައި، އެ މަޝްރޫޢު އޮޕަރޭޓަރަކާއި ޙަވާލުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. މުޅި މި މަޝްރޫޢުގެ އަގަކީ 59,561,544.38 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް